Last Updated: April 7, 09:24
Monday, April 7, 2025
ޚަބަރު

ލަންކާ ދިޔަ މަގުން ރާއްޖެ ދާން ދޫކޮށްލަން ހެޔޮނުވާނެ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް - ފޮޓޯ: މަޖިލިސް

މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ރައީސް މުހައްމަދު އައްބާސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުން އަންނަނީ، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެމްއެމްއޭ އިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އައްބާސް ވިދާޅުވީ ފައިސާ ޗާޕު ނުކުރާނެ ކަމަށް ތަކުރާރުކޮށް ވައުދުވެ އަދި އެކަން ނުކޮށް ސަރުކާރު ހިންގަމުންދާ ކަމަށް ފަހުރުވެރިކަމާއެކު ތަކުރާރުކޮށް ވާހަކަދައްކަވާފައި، ދިވެހި ތާރީހުގައި ވެސް ނުކުރާ ވަރަށް ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމާފައިވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ޑޮލަރުގެ އަގު ބޮޑުތަނުން އުފުލި، ތަކެތީގެ އަގު އިންތިހާއަށް މައްޗަށް އުފުލި، އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވަމުން ގެންދަވާއިރު، ރައްޔިތުންނަށް އިގްތިޞާދީ ބޮޑު ކާރިސާއެއް ދިމާވެދާނެ މިވަރުގެ ބޮޑު ޖަރީމާއެއް ނުހިންގުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

"އައިއެމްއެފް، ވޯލްޑް ބޭންކުގެ ލަފަޔާ ވެސް ދެކޮޅަށް، މި ކަން ނިންމަވަން ތިއްބެވި ބޭފުޅުންނަށް މި ކަމުގެ ބިރުވެރިކަން އެނގިވަޑައިގަންނަވާނެ. ރާއްޖޭން ބޭރުން ބަޖެޓު ސަޕޯޓެއް ނުހޯދުނީތީ، ލަންކާ ދިޔަ މަގުން ރާއްޖެ ދާން ދޫކޮށްލަން ހެޔޮނުވާނެ،" އައްބާސް ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، މި ސަރުކާރުން ފައިސާ ޗާޕުނުކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ. އެގޮތުން ފައިސާ ޗާޕުނުކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިއްމު އެއް ވައުދެވެ.