Last Updated: April 11, 11:14
Friday, April 11, 2025
މުނިފޫހިފިލުވުން

ދިވެހި ފިލްމީ އުފެއްދުންތަކެއްގެ ނަހަމަ ބޭނުން ހިފަނީ!

ހުއްދަ ނެތި ދިވެހި ފިލްމާއި ސީރީތައް ބައެއް ފްލެޓްފޯމްތަކުގައި ދައުރު ކުރަމުންދާތީ ފިލްމީ ދާއިރާގެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އެގޮތުން މި ފަހުން ސިނަމާ އަށް ގެނެސްފައިވާ ބައެއް ފިލްމުތަކާއި ސްޓްރީމިން ޕްލެޓްފޯމްތައް ކަމަށްވާ ބައިސްކޯފާއި މީޑިއާނެޓަށް އެމްއެސް ވީޑިއޯކުލަށް ދޫކޮށްފައިވާ ބައެއް ކޮންޓެންޓްތައް ވެސް ހިލޭ ބަލާލެވޭ ގޮތަށް ޔޫޓިއުބާއި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި އާންމުކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ބައެއް ޕްރޮޑަކްޝަން ހައުސްތަކާއި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އެ މީހުންގެ ފިކުރީ މުދާތައް ހިމާޔަތްޔަކޮށް ދޭން ސަރުކާރުން ފިޔަވަޅުތަކެއް ވެސް އަޅައި ދިނުމަށް ގޮވާލާފައިވެ އެވެ.

މިކަން މީގެ ކުރިން ވެސް އެކި ސަރުކާރުތަކުގެ ސަމާލު ގެނައި ނަމަވެސް މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް، އަޅައި ފިލްމީ ދާއިރާގައި ހުރި މިފަދަ ކަންބޮޑުވުންތައް ހައްލުކޮށް ދޭން ސަރުކާރުގެ އެހީތެރި ކަމެއް އަދި އެއްބާރުލުމެއް ނުލިބޭކަން އިންޑަސްޓްރީގެ އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރާއްޖޭގައި މިހާރު އެންމެ ގިނަ އުފެއްދުންތައް ގެނެސްދޭ ސްޓޫޑިއޯގެ ގޮތުގައި ފާހަގަކޮށްލެވޭ ޑާކް ރެއިން އެންޓަޓައިންމަންޓުން ވަނީ އެ މީހުންގެ އުފެއްދުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ވެސް ކޮށްފަ އެވެ. އެގޮތުން އެ ސްޓޫޑިއޯ އިން އޯޓީޓީ ޕްލެޓްފޯމަތަކަށް ދޫކޮށްފައިވާ ކޮންޓެންޓްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ މާލީ ގޮތުން ސްޓޫޑިއޯ އަށް ކުރިމަތިވާނެ ކަމަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބުނެފަ އެވެ.

ރާއްޖޭގައި ކޮޕީރައިޓާ ގުޅޭ ގާނޫނަކަށް އަމަލު ކުރަމުން ދިޔަ ނަމަވެސް އޭގެ ދަށުން ފިކުރީ އުފެއްދުންތައް ހިމާޔަތްކޮށް ނުދެވޭކަމުގެ ޝަކުވާތައް ބޮޑެވެ.