މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން "އިޤްރައުލް ޤުރްއާން 1446" ގެ ނަމުގައި ޤުރުއާން މުބާރާތެއް ބާއްވައިފި އެވެ.
މި މަހުގެ 8 ގައި ބޭއްވި މި މުބާރާތަކީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކޮންމެ ރަމަޟާން މަހަކު މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދީންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތުގައި އެކި އުމުރު ފުރާތަކުން މި ފަހަރު ޖުމްލަ 32 ކުދީން ބައިވެރިވެފައިވެ އެވެ.
މުބާރާތުގެ މަގުސަދަކީ، މެލޭޝިޔާގައި ދިރިއުޅޭ ކުދީންގެ ހިތްތަކުގައި ކީރިތި ޤުރުއާނާ މެދު ލޯބި އުފައްދައި، ތަޖުވީދުމަގުން ޤުރުއާން ކިޔެވުމަށް ބާރުއަޅައި، ދިރިއުޅުމުގައި ޤުރުއާނުގެ މުހިންމުކަން އަންގައިދީ ހަނދާންކޮށް ދިނުމެވެ.
މުބާރާތުގެ ބައިވެރިންނާއި އަދި ބެލެނިވެރިންނާ މުހާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގައި ހުންނަވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ އަހުމަދު ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ މުހިންމުކަމާ ޤުރުއާން ކިޔެވުމުގެ ރޫހު އިތުރުކުރުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.