އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑް ގެ މަސައްކަތްތައް އަލުން ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެގްރޯނެޓް އުވާލަން ނިންމައިފަ އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ އެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ހުށައަޅުއްވާ، އެ ނިންމެވުމަށް ބަދަލު ގެންނަވާ، އެގްރޯނެޓް އަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށްވެސް ވަނީ ހަމަޖައްސަވާފަ އެވެ.
ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ މި ބަދަލުގެ މައިގަނޑު މަޤްސަދަކީ މި ވުޒާރާގެ އިރުޝާދުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުން ކަމަށެވެ.