ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރްގެ ފިލްމެއްގެ ޓީޒާ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހު ގެެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ "ތޫ ޔާ މޭ" އެވެ.
ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ކަލަ ޔެލޯ ޕްރޮޑަކްޝަނުން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ބިޖޯއި ނަމްބިއާ އެވެ. އޭނަ އަކީ "ޝައިތާން" އާއި "ޑޭވިޑް" އަދި "ވަޒީރު" ފަދަ ތަފާތު ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރެވެ.
"ތޫ ޔާ މޭ" ގެ ޓީޒާ އިން ފެންނަ ގޮތުގައި ބިޖޯއިގެ މި ފިލްމަކީ ވެސް ވަރަށް ތަފާތު، ޝައުގުވެރި ވާހަކައެއް ކިޔައިދޭނެ އެއްޗަކަށް ވާނެ އެވެ. ޝަނާޔާއާ އެކު މީގެ ބަތަލުގެ ރޯލުން ފެންނާނީ އާދާޝް ގޯރަވް އެވެ. "ދަ ވައިޓް ޓައިގާ" އާއި "ކޯ ގަޔޭ ހަމް" ފަދަ ފިލްމުތައް ކުޅެފައިާ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ސުޕަބޯއިސް އޮފް މަލެގާއޯން" އެވެ.
ޝަނާޔާގެ އެއްވެސް ފިލްމެއް މިހާތަނަށް ބެލުންތެރިންނާ ހަމައަށް އަދި އައިސްފައި ނުވާ އިރު، އޭނަ ތައާރަފުވާނެ ކަމަށް ބެލެވެނީ މިދިޔަ އަހަރު ޝޫޓިން ފެށި "އާނކޯ ކީ ގުސްތާކިޔާ" އިންނެވެ. ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ އެ ފިލްމުގެ ބަތަލަކީ ވިކްރާންތު މަސީ އެވެ.
ޝަނާޔާ އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ކޮއްކޮ ސަންޖޭގެ ދޮށީ ދަރިފުޅެވެ. ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރަކީ ޝަނާޔާގެ ކަޒިންތަކެވެ.