މިހާތަނަށް ރާއްޖޭގެ 100،000 އަށް ވުރެ ގިނަ ގޭބިސީއަށް މަސްދަޅު ކޭސް ފޯރުކޮށްދީފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި ރޭގެ ނިޔަލަށް މާލޭގެ ގޭބިސީތަކަށް 49416 އަދި ރަށްރަށުގެ 60711 ގޭބިސީތަކަށް، މުޅި ޖުމުލަ 110127 ރޯދަ ހަދިޔާ ދެވިފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ބަހަމުން ގެންދަނީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށުންނެވެ. ރަށްރަށުގައި މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގެ ފަރާތުންނެވެ.
ރޯދަ ހަދިޔާގެ ގޮތުގައު ދެނީ 48 ދަޅު ހިމެނޭ 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެވެ.
ރާއްޖޭގެ ވަރަށް ގިނަ ހިސާބުތަކުގައި މަސްދަޅު ކޭސް ބަހައި މިހާރު އޮތީ ނިންމައިފަ އެވެ.