މެއި މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަނގްލަދޭޝް އަދި ބޫޓާން އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.
މިއަދު ގުރު ނެގި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އިންޑިއާ އާއި ނޭޕާލް އަދި ސްރީ ލަންކާ އެވެ.
މުބާރާތް އޮންނާނީ މެއި 9-19 އަށެވެ. މުބާރާތް ކުރިއަށް ދާނީ އިންޑިއާގެ އަރޫނަޗަޕް ޕްރަދޭޝްގަ އެވެ.
މުބާރާތުގައި ވާދަކުރަނީ ހަ ގައުމެކެވެ. މި ހަ ގައުމުގެ ތެރެއިން އެންމެ ފަހުގެ ފީފާ ރޭންކިން އަށް ބެލުމަށް ފަހު ސީޑްކުރީ އިންޑިއާ އާއި ރާއްޖެ އެވެ. އެއީ ރޭންކިންގައި ސާކް ސަރަހައްދުން އެންމެ ކުރީގައިވާ ދެ ގައުމަށްވާތީ އެވެ.
މުބާރާތުގެ މެޗްތައް ކުޅޭ ގޮތަށް ހަމަޖައްސާފައި ވަނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށްދާ ގޮތަށެވެ. މުޅި މުބާރާތުގައި ކުޅޭނީ ފައިނަލް މެޗާއެކު ނުވަ މެޗެވެ.
މުބާރާތަށް ރާއްޖޭގެ ސްކޮޑް މިހާރު އޮތީ އެކުލަވާލައިފަ އެވެ.