Last Updated: March 14, 22:03
Friday, March 14, 2025
ޚަބަރު

ފަނޑިޔާރުން ވަކިކުރާ ބިލު ބޭރުކޮށްލަން އަޒާން ގޮވާލައިފި

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައިފި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލު ތަސްދީގު ނުކުރައްވައި، އެ ބިލާއި މެދު އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އަނބުރާ ފޮނުވާލާފަ އެވެ.

ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން މި ބިލު ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ބިލު ފާސްކުރަން އަޒާން ފިޔަވައި ޕީއެންސީ އަށް ނިސްބަތްވާ ހުރިހާ މެމްބަރުން ވޯޓު ދެއްވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ މި ބިލަކީ ޤާނޫނު އަސާސީއާ ޚިލާފު ބިލެއް ކަމަށާއި އުންމީދަކީ ރައީސް އެދިލެއްވި ގޮތަށް މަޖިލީހުގެ މެމްބަރުން އަލުން ވިސްނަވައި މި ބިލު މަޖިލީހުން ބޭރުކޮށްލުން ކަމަށެވެ.

https://twitter.com/axanner/status/1899501561325429247

މިފަދަ ބިލެއް މަޖިލީހުން ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ހިނގަމުންދަނިކޮށެވެ.

މި ބިލު ފާސްކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ. އެ ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. މީގެތެރެއިން ސުއޫދު މިހާރު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.