Last Updated: April 11, 18:01
Friday, April 11, 2025
ޚަބަރު

ޑްރަގާ އެކު ވިލިމާލެއިިން ބަޔަކު ހައްޔަރުކޮށްފި

ވިލިމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި މަހުގެ 9 ގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ތ. ގާދިއްފުށީ ކެނެރީގެ، އިބްރާހީމް އިމާދު، 30، އާއި މއ. ވިންޑްސްޓަ 1، މުޙައްމަދު ސިމްރާޙް، 43، ގެ އިތުރުން ގދ. ރަތަފަންދޫ، ޒަމާނީއާގޭ ޞަލާޙު ޝިހާބް، 45، އެވެ.

ފުލުހުން ބުނީ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަން 57.78 ގުރާމަށް އަރާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށް ވުރެ ގިނަ ރުފިޔާ ވެސް ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސިމްރާޙް އާއި ޞަލާޙުގެ ބަންދަށް 15 ދުވަސް ޖަހައި އިމާދު ވަނީ ދޫކޮށްލައިފަ އެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފުކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.