ފިލްމީ ތަރި/ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށްފައިވާ ސީރީޒް "އިމްތިހާން" އަންނަ މަހުގެ 10 ގައި ޕްރީމިއާކުރަން ނިންމައި، ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ސީރީޒަކީ މީޑިއާނެޓްގެ ވީޑިއޯކުލަބުން ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ އެއްޗެކެވެ. ބަތަލާ ފާތުމަތު ފަރީލާ އެޒްކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "އިމްތިހާން" އަކީ ކުރިން ވެސް ބައެއް ފިލްމުތަކާއި ސީރީޒްތަކުގެ ވާހަކަ ލިޔެފައިވާ މަރިޔަމް މޫސާގެ ވާހަކައަކަށް ގެނެސްދޭ ސީރީޒެކެވެ.
މީގެ މައިގަނޑު ކާސްޓްގައި ހިމެނެނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަަރިޔަމް ޝިފާގެ އިތުރުން މުހައްމަދު އިޝްފާނެވެ.
"އިމްތިހާން" އަކީ ވަރަށް ގިނަ ދުވަސްތަކެއް ފަހުން މުއާގެ ޑައިރެކްޝަނެއް ބެލުންތެރިންނާ ހަމައަށް އަންނަ ފުރަތަމަ ފަހަރެވެ. މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ ފިރިމީހާގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ އައްޒަ ޓައިޓްލް ރޯލު ކުޅުނު 2019 ގެ ފިލްމު "ލީނާ" އެވެ.
މީޑިއާނެޓުން މުޅިން އާ ސީރީޒެއް ޕްރީމިއާކުރަން ތައްޔާރުވާ އިރު، މި ފަހުން ބެލުންތެރިންނަށް ދޫކޮށްލި ސީރީޒްތަކުގެ ތެރޭގައި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ރޯލީމޭ" އާއި އެއްކާފު ޕްރޮޑަކްޝަންގެ "ހިންތާ" ހިމެނެ އެވެ.
އަދި ވަރަށް އަވަހަށް ޑާކް ރެއިންގެ "ފެށުމާއި ނިމުން" ވެސް ޕްރީމިއާކުރާނެ އެވެ.