ޒަމާނީ ވަޞީލަތްތަކާއެކު ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރަކާއި ރ. ދުވާފަރުގައި ދަރިވަރުންގެ ދަނާލެއް ހަދަން ދެ ކުންފުންޏަކާ ހަވާކޮށްފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހިންގާ މި ދެ މަޝްރޫއުގެ ތެރެއިން ކުޅުދުއްފުށީ ޓިވެޓް ސެންޓަރު ހަދަން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
ކުޅުދުއްފުށި ޓިވެޓް ސެންޓަރު ޢިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ 35،777.88 އަކަފޫޓްގެ ބިމެއްގަ އެވެ. އެތަނުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެ އެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިން ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެ އެވެ.
މީގެ އިތުރުން ދަރިވަރުންނަށް ފަސޭހަކަމާ އެކު ތިބެވޭނެ ދަނާލެއް ވެސް ހުންނާނެ އެވެ. އެތަނުގައި ޝެއަރިން 32 ކޮޓަރި ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ކިޗަން އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ޚިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމެއްވެސް ހުންނާނެއެވެ.
ދުވާފަރުގައި ޓްރެއިނިން އޭރިއާއަކާ އެކު ދަނާލި ހަދަން ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
އެ ދަނާލު އިމާރާތް ކުރާނީ 15،000 އަކަފޫޓްގެ ބިމެއްގަ އެވެ. އެތަނުގައި ޝެއަރިން 31 ކޮޓަރިއާ އެކު ގިނަ ވަސީލަތްތަކެއް ހުންނާނެ އެވެ.
މިއީ މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް އިތުރުކޮށް ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮ ށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުތަކެކެވެ. އެގޮތުން މިހާރު ވެސް ހއ. ދިއްދު އާއި ނ. ވެލިދޫގައި ޖޫނިއާ ކޮލެޖަކާއި ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ މަޝްރޫއުތައް ފެށީ މިދިޔަ ސަރުކާރުގަ އެވެ.