Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

ރުއް އާލާކުރާ ރަށަކަށް އަރިޔަދޫ ހަމަޖައްސައިފި

އދ. އަރިޔަދު އަކީ ރުއް އާލާ ކުރަން ހާއްސަ ރަށެއްގެ ގޮތުގައި ހަމަޖައްސައި އެ ރަށް އެގްރިކަލްޗަ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

އެގޮތަށް ނިންމީ މި މަހުގެ 9 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.

ރާއްޖޭގައި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓާ" އެއް ގާއިމުކޮށް ރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ރަށުގެ ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އަރިޔަދޫގައި އުފައްދާނެ އެވެ.

ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާޗް އަރިއަދޫގައި ފަށާ ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުން ކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ނިންމާފައިވެ އެވެ.

އެ ސެންޓަރު ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖް ކުރުމުގެ ހަރަދު ހޯދާނެ އެވެ.

ރާއްޖޭގަ މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން މި މަޝްރޫޢުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވާނެ ކަމަށް ސަރުކާރުން ބުންޏެވެ.