އައްޑޫ ހިތަދޫގެ ފްލެޓްތަކުގެ ގްރައުންޑް ފްލޯތަކުގެ ސިޑިގޮޅިތަކުގައި ބައެއް މީހުން ސައިކަލާއި ބައިސްކަލް ޕާކްކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.
މިކަމާ ގުޅިގެން ޝަކުވާތައް ބޮޑުވެ، ހިތަދޫ އަވަށު އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ ފްލެޓްތަކުގެ ސިޑިގޮޅިތެރޭ ޑިސްޓްރިބިއުޝަން ފޮށިތައް ހުންނަ ދިމާލުގައި ބައެއް މީހުން ވެހިކަލްތައް ޕާކުރުމާއި އެ ނޫން ވެސް ތަކެތި ބެހެއްޓުމުގެ ސަބަބުން ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން ތަކުރާރުކޮށް ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
އަވަށު އޮފީހުން ބުނީ އެގޮތަށް އަމަލު ކުރުމުގެ ސަބަބުން ކަރަންޓާއި ފެނުގެ ރީޑިން ނެގުމާއި ކަރަންޓާ ގުޅޭ ކަންކަމުގައި ޑިސްޓްރިބިއުޝަން ފޮށިތައް ހުޅުވައިގެން މަސައްކަތް ކުރުމަށް ވެސް ދަތިވާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ސިޑިގޮޅިތެރޭގައި އެއްޗެހި ބެހެއްޓުމަކީ މަނާ ކަމެއްކަން ވެސް އަވަށު އޮފީހުން ހަނދާންކޮށް ދީފައިވެ އެވެ.
އެހެންވެ އެ އުސޫލާ ހިލާފުވާ މީހުންނަށް ކަމާބެހޭ މުއައްސަސާތަކާ ފިޔަވަޅު އަޅާނެ ކަމަށް ހިތަދޫ އަވަށު އޮފީހުން ބުންޏެވެ.