ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު ސޮލާހް، އިންޑިއާގެ ފިލްމީ ބަތަލާ އުރްވަޝީ ރޯޓޭލާ އިންސްޓަގްރާމްގައި ފޮލޯކުރަން ފަށައިފި އެވެ.
މިއާ އެކު އޭނަ ވެފައި މިސްރަށް އުފަން ފުޓްބޯޅަ ތަރި ފޮލޯކުރާ އިންޑިއާގެ ފުރަތަމަ ބަތަލާއަށެވެ. މިކަން ބައެއް މީޑީއާތަކުންނާއި ފޭނުން ވެސް ފާހަގަކޮށްފައިވެ އެވެ. ލިވަޕޫލަށް ކުޅެމުން އަންނަ ސަލާހް އަކީ މި ވަގުތު ދުނިޔޭގައި ތިބި އެންމެ މަޝްހޫރު އަދި އެންމެ ހުނަވެރި ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެކެކެވެ.
އިންސްޓަގްރާމުން އޭނަ ފޮލޯކުރާ މީހުންގެ އަދަދު 64.4 މިލިއަނަށް އަރަ އެވެ.
މިހާތަނަށް ފިލްމީ ދާއިރާ އިން މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ އުރްވަޝީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 72.7 މިލިއަނަށް އަރަ އެވެ.
މިސް އިންޑިއާ ޔުނިވާސްގެ ތާޖު ވެސް ހާސިލުކޮށްފައިވާ 31 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި ތެލެގޫ އެކްޝަން ޑްރާމާ "ޑާކޫ މަހާރާޖް" އެވެ. އުރްވީގެ އެކްޓިން ދަތުރުގެ ފެށުމަކީ ބޮލީވުޑްގެ ތަރި، ސަނީ ޑިއޯލްއާ އެކު ކުޅުނު 2013 ގެ "ސިންގް ސާބް ދަ ގްރޭޓް" އެވެ.
"ހޭޓް ސްޓޯރީ 4" އާއި "ސަނަމް ރޭ" އަދި "ގްރޭޓް ގްރޭންޑް މަސްތީ" ފަދަ ފިލްމުތައް ކުޅެފައިވާ އުރްވަޝީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބްލެކް ރޯސް"، "ވެލްކަމް ޓު ޖަންގަލް" އަދި "ކަސޫރު 2" ހިމެނެ އެވެ.