Last Updated: April 5, 17:18
Saturday, April 5, 2025
ޚަބަރު

މަޖިލީހުގެ ތަޅުމުގައި ފުރުސަތެއް ނެތް: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރު އިދިކޮޅުގެ މެންބަރުންނަށް ބަސް ބުނާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީގެ ޕީޖީ ގްރޫޕުން މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސްގައި އެމްޑީޕީގެ ޕީޖީ ޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްވިދާޅުވީ، ކުއްލި މައްސަލައިގައި މަޖިލީހުގެ ރިޔާސަތުން މިހާރު އަމަލު ކުރަމުންދާ ގޮތް ވެސް އެއްވެސް ވަރަކަށް ސާފު ނޫން ކަމަށެވެ. އެހެންވެ މިހާރު ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅަންވީ ކިހިނެއް ކޮން ގޮތަކަށް ކަމެއް ވެސް މެންބަރުންނަށް އެނގިނުލައްވާ ކަމަށް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ރިޔާސަތުން ކުއްލި މައްސަލަތައް ބަލައިނުގަނެ ބޭރު ކުރަނީ އުސޫލާ ޚިލާފަށް ކަމަށާއި މައްސަލައެއްގައި އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކަތަކަށް ވެސް ރިޔާސަތުން ހުރަސް އަޅުއްވާ ކަމަށެވެ.

"ދައްކަން ޖެހޭ ވަރަށް ގިނަ ވާހަކަތަކެއް އެބަހުރި،" ނާޒިލު ވިދާޅުވި އެވެ. "ރަމަޟާން މަހުގެ މެންދުރުފަހު ވެސް ޕްރެސްތައް ބާއްވަން މި ޖެހެނީ މަޖިލީހުގެ ފްލޯގައި ތަފްސީލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު އަޅުގަނޑުމެނަށް ލިބިގެން ނުދާތީ."

އޭނަ ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ޑިމޮކްރަސީއެއްގައި ކަން ހިނގަން ވާނެ ގޮތެް ނޫން ކަމަށެވެ.

ކުއްލި މައްސަލައިގެ އިތުރަށް މިނިސްޓަރުންނާ ސުވާލުކުރުމަށް ވެސް އެމްޑީޕީގެ މެންބަރުންނަށް އުނދަގޫ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވިދާޅުވި އެވެ.

ޖުމްލަ 93 މެންބަރުން ތިއްބަވާ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީ އަށް އޮތް އިރު، އެމްޑީީގެ މެންބަރުންގެ އަދަދަކީ އެންމެ 12 އެވެ.