މިހާރު އެކީގައި ފިލްމެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކާތިކް އާރިއަނާއި ސްރީލީލާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވާހަކަތައް ދެކެވެމުން ދަނިކޮށް މި ހަފުތާގައި ބޭއްވި އައިފާ އެވޯޑްސްގައި ކާތިކްގެ މަންމަ ވަނީ އާއިލާ އިން "ރަނގަޅު ޑޮކްޓަރެއް" ބޭނުންވާ ކަމަށް ބުނެ، ކާތިކާއި ސްރީލީލާ ރައްޓެހިވެގެން އުޅޭކަމުގެ އޝާރާތެއް ވެސް ދީފަ އެވެ. އާއިލާއަށް ޑޮކްޓަރަކު ބޭނުންވާ ކަމަށް ކާތިކްގެ މަންމަ ބުނެފައިވާ އިރު، ސްރީލީލާ، 23، އަކީ ޑޮކްޓަރުކަން ވެސް ކިޔަވަމުން އަންނަ ބަތަލާއެކެވެ.
އޭނަގެ މަންމަ އަކީ ވެސް އަންހެނުންގެ ހާއްސަ ޑޮކްޓަރެވެ.
ފާހަގަކޮށްލެވޭ ކަމަކީ ކާތިކް، 34، ގެ އާއިލާ އަކީ ވެސް ޑޮކްޓަރުންގެ އާއިލާއެކެވެ. އޭނަގެ މަންމަ އާއި ބައްޕަގެ އިތުރުން ދައްތަ ވެސް ޑޮކްޓަރެކެވެ. އެހެންވެ ކާތިކްގެ އާއިލާގެ ރުހުން ސްރީލީލާ އަށް އޮތް ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެ އެވެ. ދާދި ފަހުން އެ އާއިލާގެ ޕްރައިވެޓް ހަފުލާއެއްގައި ވެސް އަރަމުން އަންނަ ބަތަލާ ބައިވެރިވެފައިވެ އެވެ.
ކާތިކާއި ސްރީލީލާ އެކީގައި މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމަކީ ޑައިރެކްޓަރު އަނޫރާގް ބާސޫ ހަދާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މީގެ ނަން އަދި އިއުލާންކޮށްފައި ނުވާ އިރު، ފިލްމު މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނާނެ އެވެ.
ވަރަށް ކުޑައިރުން ފެށިގެން އެކްޓްކުރަމުން އަންނަ ސްރީލީލާ އުފަންވީ އެމެރިކާގެ ޑިޓްރޮއިޓަށެވެ. އެކަމަކު އޭނަ އުޅެބޮޑުވީ ބެންގަލޫރްގަ އެވެ.ސްރީލީލާގެ އާއިލާ އަކީ އިންޑިއާގެ ދެކުނަށް ނިސްވަތްވާ އާއިލާއެކެވެ. މިދިޔަ ޑިސެމްބަރު މަހު ރިލީޒްކުރި "ޕުޝްޕާ 2" ގެ އައިޓަމް ލަވަ ކުޅުނު ބަތަލާ މިހާތަނަށް ތެލެގޫ، ކަންނާޑާ އަދި ތަމަޅަ ފިލްމުތަކެއް ކުޅެފައިވެ އެވެ.
ކާތިކާ އެކު އޭނަ ކުޅޭ ފިލްމަކީ ފުރަތަމަ ހިންދީ ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލޯ ޚާން ހިމަނައިގެން ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ "ޑިލަރު" ގެ ބަތަލާ އަކީ ވެސް ސްރީލީލާ އެވެ.
އޭނަ އާއި ކާތިކްގެ ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަތައް މިހާރު ވަރަށް ގަދައަށް ދެކެވެމުން އަންނަ އިރު، ކާތިކް ކުރިން ރައްޓެހި ބަތަލާއިންގެ ތެރޭގައި އޭނައާ އެކު 2019 ގެ "ޕަތީ ޕަތުނީ އޯރް ވޯ" ކުޅުނު އަނަންޔާ ޕާންޑޭ އާއި 2020 ގެ "ލަވް އާޖް ކަލް" ގެ ބަތަލާ ސާރާ އަލީ ޚާން ހިމެނެ އެވެ.
ހިޔާލު ފާޅުކުރައްވާ