ބޯކޮށް ވާރޭވެހޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، އިތުރު ގްލޯބަލް ދެ ޕަމްޕު ގެނައުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން، އިތުރު 2 ޕަމްޕު ގެންނަން ނިންމީ މިއަދު ކުރިއަށް ދިޔަ ކައުންސިލްގެ 4 ވަނަ ދައުރުރުގެ 187 ވަނަ ރަސްމީ ޢާންމު ޖަލްސާގަ އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަމުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، އަލަށް ގެނައުމަށް ނިންމާފައިވާ ޕަމްޕުތައް ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ، ހެންވޭރު ކޮޅުގައި ކަމަށެވެ. ހިތް ފަސޭހަ ސިޓީއެއްގެ ގޮތުގައި މާލެ ބޭއްވުމަކީ، ކައުންސިލުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ގެނައި ދެ ޕަމްޕު މިހާރު ވަނީ އޮޕަރޭޓްކޮށް މެއިންޓެއިންސްގެ ކަންކަން ބެލެހެޓުމަށް، އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އާ ހަވާލުކޮށްފައި ކަމަށާއި އެ ދެ ޕަމްޕު ބޮޑަށް ބޭނުން ކުރަމުން އަންނަނީ، މާލޭ ސިޓީގައި އެންމެ ބޮޑަށް ފެން ބޮޑުވާ، މާފަނު ކޮޅުގައި ކަމަށެވެ.
"މާލޭގައި ފެން ބޮޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަތާ 20 ، 30 އަހަރު ވެއްޖެ. މި ކަން ހައްލު ނުވެ، މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، އެތަކެއް ރައްޔިތުންނަށް މިކަމުގެ ސަބަބުން ގެއްލުން ލިބޭ،" އާޒިމް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެންމެ ފުރަތަމަ އެ ކައުންސިލުން ގެނައި ދެ ޕަމްޕަކީ ވެސް، ކައުންސިލްގެ ޓެކްނިކަލް ޓީމަކުން ޚާއްޞަ ދިރާސާތަކެއް ހެދުމަށް ފަހު، ގެނައި ޕަމްޕު ތަކެއް ކަމަށެވެ. މިހާރު މާލޭގައި ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕުތަކަށް ވުރެ 10 ގުނަ ބާރު މިނުގައި، މިއިން ކޮންމެ ޕަންޕަކުން ވެސް ފެން ހިންދާނެ ކަމަށް ކައުންސިލުން ބުނެ އެވެ.