Last Updated: April 2, 22:48
Wednesday, April 2, 2025
ކުޅިވަރު

އެތުލެޓިކޯ ކަޓުވާލައި ރެއާލް ކުއާޓާ އަށް

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް ޕެނަލްޓީ ޖަހައިގެން، 3-2 އިން ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.

ފުރަތަމަ ލެގުގައި 2-1 އިން ރެއާލް ދަނޑުގައި ބަލިވި އެތުލެޓިކޯ އިން ރޭ އަމިއްލަ ދަނޑުގައި ކުޅެ މެޗުގެ 27 ސިކުންތު ތެރޭގައި ވަނީ ލީޑު ނަގައިފަ އެވެ. އެތުލެޓިކޯ އަށް މި ގޯލު ޖަހައިދިނީ ކޮނާ ގެލަގާ އެވެ.

ދެވަނަ ހާފުގައި ނަތީޖާ އެއްވަރުކޮށްދޭން ރެއާލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ވިނީޝަސް ޖޫނިއާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިން ބޭރުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް އިތުރު ގޯލެއް ނުޖެހި، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ރެއާލްގެ ކިލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ ޖެހި ޕެނަލްޓީތައް ކާމިޔާބުވިިއިރު، ލޫކަސް ވަޒްކޭޒް ޖެހި ޕެނަލްޓީ އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކް ވަނީ މަތަކޮށްފަ އެވެ. އެތުލެޓިކޯގެ ފުރަތަމަ ޕެނަލްޓީ އަލެކްސަންޑަ ސޮލޮތު ކާމިޔާބުކުރިއިރު، އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒް ޖެހި ޕެނަލްޓީ ގޯލަށް ވަން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީން ނިންމީ އަލްވަރޭޒް ޕެނަލްޓީ ފޮނުވާލުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓުނުއިރު، ދެ ޓަޗު ބޯޅައިގައި ޖެހުމުން، އެ ޕެނަލްޓީ ބަލައިނުގަތުމަށެވެ. އެތުލެޓިކޯ އިން އަންހެލް ކޮރެއާ ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް، އެ ޓީމުގެ މާކޯސް ލޮރެންޓޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ދަނޑި އަށެވެ. އެއަށް ފަހު ރެއާލުގެ އެންޓޯނިއޯ ރުޑިގާ ވަނީ ޕެނަލްޓީ ވައްދާލައި ރެއާލް ކުއާޓާ އަށް ގެންގޮސްދީފަ އެވެ.

ކުއާޓާގައި ރެއާލް ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. މިއީ 2006 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގައި އާސެނަލާއި ރެއާލްގެ ފުރަތަަމަ ކުރިމަތިލުމެވެ. އެފަހަރު އާސެނަލުން ވަނީ ރެއާލް ކަޓުވާލާފަ އެވެ.