Last Updated: April 22, 06:16
Tuesday, April 22, 2025
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލުން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އެންމެ ފުރަތަމަ އިއުލާން ކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހުޅުވާލީ އިއްޔެ ހެނދުނު 11:00ގެ ނިޔަލަށެވެ.

އެ ފުރުސަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ފަނޑިޔާރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ނިހާޔަތު އެވެ.

ޖޭއެސްސީން ރޭ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާ ކަމަށް ބުނެ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށް ދެވަނަ ފަހަރަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަކު ފުރަތަމަ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތުން އަލުން ހުށަހަޅަން ނުޖެހޭނެ ކަމަށް އިއުލާންގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލާފައިމިވަނީ ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ގެނެސްފައިވާ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބަންޗަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައި އެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތަކީ އުމުރުން 30 އަހަރު ވެފައިވުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލުކަމުގައި ހަތް އަހަރުގެ ތަޖްރިބާ ލިބިފައިވުމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް މަޖިލީހުންނެވެ. ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތް އޮންނަނީ އެގޮތަށެވެ.