Last Updated: April 12, 18:44
Saturday, April 12, 2025
ޚަބަރު

އައްޑު އަށް 1 މެގަވޮޓްގެ ޖެންސެޓެއް ގެނެސްފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެއް މެގަވޮޓްގެ ޖަނަރޭޓަރެއް ގެނެސްފި އެވެ.

ފެނަކައިގެ ފަރާތުން ފޮނުވި މި ޖަނަރޭޓަރު އައްޑު އަށް ގެނެސްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. މި ޖަނަރޭޓަރު އިންސްޓޯލްކޮށް ހިދުމަތް ދޭން ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން އިތުރު 1.8 މެގަވޮޓްގެ ޖެނަރޭޓަރު ސެޓެއް އައްޑޫއަަށް ގެންދިއުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ނުވެ ދިގުލައިގެން ގޮސްފައިވާތީ ހިތަދޫ ފެނަކަ އޮފީސް ދޮށުގައި މިދިޔަ ހުކުރު ދުވަހު ހަވީރު ވަނީ އިހުތިޖާޖެއް ވެސް ބާއްވާފަ އެވެ. މި އިހުތިޖާޖުގައި މޭޔަރު ނިޒާރު އާއި އައްޑޫ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވި އެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫން ކަރަންޓް ކެނޑޭ މައްސަލަ މި ރޯދަ އަށް ހައްލު ކުރަން 1.8 މެގަވޮޓްގެ ޖެނެރޭޓަރެއް ގެނެސް ބޭނުން ކުރަން ފެށި ނަމަވެސް މައްސަލަ ހައްލެއް ނުވެ އެވެ.

ކަރަންޓުގެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދޭން މީގެކުރިން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން ހާޒިރުކުރަން ފާސްކުރި ނަމަވެސް މިހާތަނަށް އެ ކުންފުނީގެ ވެރިން ކޮމިޓީއަށް ގެނެސްފައެއް ނުވެ އެވެ.