މިނިވަން 50 ޗެމްޕިއަންޝިޕުގައި ބައިވެރިވާ ހިތަދޫ ފުޓްބޯޅަ ކްލަބަށް ފަންޑު ހޯދުމުގެ ހަރަކާތް އެ ޓީމުގެ ފަރާތުން ފަށައިފިއެވެ.
ހިތަދޫ ސްޓޭޑިއަމްގައި، އިއްޔެ މި ހަރަކާތް އިފްތިތާޙް ކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރ އަބްދުއްﷲ ސޯދިޤެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަރަކާތުގައި ފައިސާ ހޯދަން ނިންމައިފައިވަނީ އެ ކްލަބުގެ ދިދަ އާއި އިސްޓިކާ ވިއްކައިގެންނެވެ. އެގޮތުން ކްލަބުގެ ދިދައެއް ވިއްކަން ހަމަޖެހިފައިވާ އެންމެ ދަށް އަގަކީ -/1000 ރުފިޔާއެވެ. އަދި ސްޓިކާއެއް ވިއްކަން ނިންމާފައިވަނީ -/30 ރުފިޔާ އަށް ކަމަށް އެ ކްލަބުން ބުނެއެވެ.
ހިތަދޫ ފުޓްބޯޅަ ކްލަބްގެ އެސިސްޓެން މެނޭޖަރ މުހައްމަދު އަލްތާފް (އަލްޓީ) ބުނިގޮތުގައި ، އެންމެ ދަށް އަގު ކަނޑައަޅާފައިވި ނަމަވެސް އެ އަގަށްވުރެ މަތީ އަގުތަކުގައި ވެސް އެތަކެތި ގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އަލްޓީ ބުނިގޮތުގައި ދިދަ އާއި އިސްޓިކާ، އިއްޔެ ވިއްކަން ފަށާފައިވާއިރު ހިތަދޫ ފުޓްބޯޅަ ކްލަބުގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެން ވެސް އެތަކެތި ގަތުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. އަދި ހަމަ އެެހެންމެ ކްލަބުގެ ކުޅުންތެރިން މެދުވެރިކޮށް ވެސް ދިދަ އާއި އިސްޓިކާ ގަނެވޭނެކަމަށް އެ ކްލަބުން ބުނެއެވެ.
" އަޅުގަނޑުމެން މިފަދަ ގޮތަކަށް ފަންޑް ރެއިޒް ކުރުމުގެ މަސައްކަތް ފެށީ އެންމެ އާދައިގެ ވިޔަފާރިވެރިޔާ އަށް ވެސް އެހީތެރިވެވޭނެ ގޮތަކަށް މިކަން ކުރުމުގެ ބޭނުމުގައި. އަޅުގަނޑުމެން ބޭނުމެއް ނޫން ވަކި ވިޔަފާރިވެރިންތަކެއްގެ ގާތަށް ގޮސް ބޮޑެތި އަދަދު ތަކަށް ޑިމާންޑް ކުރާކަށް." އަލްޓީ ބުންޏެވެ.
ހިތަދޫ ފުޓްބޯޅަ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދާއިރާގެ މެންބަރުން ދެއްވާފައިވާ ކަމަށާއި އަދި އެކަމަށް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދާ ކަން ވެސް އަލްޓީ ވަނީ ފާހަގަކޮށްފައެވެ.
މިނިވަން 50 ޗެމްޕިއަންޝިޕް މިމަހުގެ 18 ވަނަ ދުވަހު ފަށާއިރު މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ ކުޅޭ މެޗުގައި ހިތަދޫ ފުޓްބޯޅަ ކްލަބް ކުޅޭނީ މީދޫ ފުޓްބޯޅަ ޓީމާއި ދެކޮޅަށެވެ. އެ މެޗް ކުޅޭނީ މީދޫ ފުޓްބޯޅަ ދަނޑުގައެވެ.