Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އާންމުންނަށް ދަތިނުވާނެ ގޮތަށް މުޒާހަރާތައް އިންތިޒާމުކުރޭ

އާންމުންނާއި ޓްރެފިކަށް ދަތި ނުވާނެ ގޮތެއްގެ މަތިން މުޒާހަރާތައް އިންތިޒާމު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.

އެމްޑީޕީން މާލޭގައި ބާއްވަމުންދާ އެއްވުންތައް މޮނީޓާ ކުރަމުންދާކަން ފާހަގަކޮށް އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ގާނޫނީ އިމުގެ ތެރެއިން ތަނަވަސްކޮށްދިނުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވާ މީޑިއާތަކުގެ މަސައްކަތަށް ހުރަސް ނޭޅޭނެހެން މުޒާހަރާ ކަވަރު ކުރުމަށް ފުރުސަތު ދިނުމަށާއި މުޒާހަރާގައި ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތުގައި ވެސް ގާނޫނީ އިމުގެ ތެރެއިން ބާރުގެ ބޭނުން ކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މުޒާހަރާތަކުގެ ތެރެއިން ފާހަގަވި ބައެއް ކަންކަން ހާމަކުރަމުން އެޗްއާރްސީއެމުން ބުނީ ރޭގެ މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކަރާމަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް މުހާތަބުކޮށްފައިވާ ކަމަށާއި މިއީ ހިޔާލު ފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވާއިރު މިކަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

އެމްޑީޕީގެ މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ކުރިމަތިލާފައިވާކަން ފާހަގަވެފައިވާ ކަމަށާއި އެ ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މުޒާހަރާ ކުރުމުގައި ސުލްހަވެރިކަން އިސްކޮށް މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް އަމަލުކުރުމަށް އެޗްއާރްސީއެމުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ސުލްހަވެރިކޮށް ބާއްވާ އެއްވުންތައް ބޭއްވުމަށް ފުރުސަތު ދީ، އެއްވުންތައް ރޫޅާލަން ޖެހިއްޖެ ނަމަ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް ވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.