Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމު ނުކުރަން އެދިއްޖެ

ކުޑަކުދިން

ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް އެ ކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމު ނުކުރަން ޖެންޑާ މިނިސްޓަރީން މިއަދު އެދިއްޖެ އެވެ.

އެ މިނިސްޓަރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ ކުށުގެ ތުހުމަތުގައިވާ ކުދީންނާއި ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދީންނާއި އެ ނޫން ވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދީންގެ ޒާތީ މައުލޫމާތު ސީދާ ގޮތުން ވެސް ނުސީދާ ގޮތަކުން ވެސް އާންމު ކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި މަނާ ކަމެއް ކަމަށެވެ.

ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުކުރާ ފޮޓޯތަކާ ވީޑިއޯތަކުގެ ސަބަބުން އެ ކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެކުދިންގެ ކަރާމާތަށް އުނިކަން ލިބޭތީ އެ މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެހެންކަމުން ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯތައް މީޑިއާ އަދި މީސްމީޑިއާގައި ދައުރު ނުކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސް ކުރާ ކަމަށް ޖެންޑާ މިނިސްޓަރީން ބުންޏެވެ.