ރާއްޖޭގެ 75 ރަށެއްގައި ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގައި ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު މި މަޝްރޫޢުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
މި މަޝްރޫޢުގެ ދަށުން އެމްޓީސީސީން 15 ރަށެއްގައި، އާރްޑީސީއިން 20 ރަށެއްގައި އަދި ފެނަކައިން 40 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުލުހުން ބުނިގޮތުގައި އެ މުއައްސަސާގެ 91 އަހަރުގެ ތާރީހުގައި މިހާތަނަށް މުޅި ރާއްޖޭގައި ހުރީ ޖުމުލަ 17 އަމިއްލަ ސްޓޭޝަނެވެ. ނަމަވެސް މި މަޝްރޫއުގެ ސަބަބުން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ޚިދުމަތް ގާއިމުކުރެވިގެން ދާނެެ ކަމަށް ފުލުހުން ބުނެ އެވެ.
މި މަޝްރޫއު ނިމުމުން، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެ ކަމަށާއި މީގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ހަރަދު ކުޑަކޮށް، ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން ތަރައްޤީކުރެވޭ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި، އަތޮޅު ފެންވަރުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނެ އެވެ. މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ޚިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމާއި، ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުންވެސް ހިމެނެ އެވެ.