ރައީސް ޔާމީންގެ ސަރުކާރަށް މީހުންގެ ފުރާނައަކީ އެއްވެސް އެއްޗެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
އީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މަހްފޫޒް ސައީދަށް ދިން ހަމަލާ ރައީސް ޔާމީން ކުށްވެރި ކުރެއްވިލެއް ލަސްކަމާމެދު ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ މިސަރުކާރަށް މީހުންގެ ފުރާނައަކީ އެއްވެސް އެއްޗެއް ނޫން ކަމަށާއި ރައީސް ޔާމީނަށް އެއީ ކަންބޮޑުވެވަޑައިގަންނަވަން ޖެހޭ ކަމެއް ވެސް ނޫން ކަމަށެވެ.
އަދި އެފަދަ ޖަރީމާ ތަކަކީ ސަރުކާރުން ކުރުވާ ކަމެއް ކަމަށް ބެލެވޭ ކަމަށާއި އެކަންކަމާ ގުޅިގެން ބަޔަކު ހައްޔަރު ކުރާނަމަ ފުރަތަމަ ހައްޔަރު ކުރަން ޖެހެނީ އެންމެ ގާތުގައި ހުރި މީހާ ކަމަށް ވެސް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
ރޮޒެއިނާ ވިދާޅުވީ ޒުވާން ކުދިން ރަނގަޅު ކުރުމުގެ ބަދަލުގައި މިސަރުކާރުން ކުރާ ކަމަކީ ޒުވާން ކުދިން ލައްވައި ތަފާތު އެކި ކުށްތައް ކުރުވައި ނާޖާއިޒް ގޮތުގައި އެމީހުން ބޭނުން ކުރުން ކަމަށެވެ.
"އެކުދިންނަށް ސަލާމަތް ނުވެވުނީމަ ޕީޕީއެމްއަށް ސޮއި ކުރީމަ ސަލާމަތް ވެވެން އޮންނަނީ. ހަޤީގަތުގައި ޒުވާނުން އަޅުވެތިކޮށްގެން މިމީހުން(ސަރުކާރުން) އުޅެނީ" ރޮޒައިނާ ވިދާޅުވިއެވެ.