މާލޭގެ ގެއެއްގައި ގަވާއިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް، ޑެލިވަރީކުރުމުގެ ވިޔަފާރި ކުރި ތިން ބިދޭސީއަކު އިމިގްރޭޝަނުން ރޭ އަތުލައިގެންފި އެވެ.
މިއީ އިމިގްރޭޝަން ވޮޗަށް މި މަހު ފަސްވަނަ ދުވަހު ރިޕޯޓުކުރި މައްސަލައެކެވެ.
އިމިގްރޭޝަނުން ބުނީ އެ ރިޕޯޓާއި ގުޅިގެން ރޭ މ. ހަރމަނީ ބަލައި ފާސްކޮށްފައިވާ ކަަމށާއި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުން ގެންގޮސްފައިވެ އެވެ.
މި ތަނުގައި މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ޚިލާފަށް ކަމަށްވާތީ އެ ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.