ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމުގައި އެންމެ ބޮޑު ބައިވެރިއަކީ ރައީސްޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ފާއިތުވި ތިން އަހަރުގެ ކުޅިވަރުގެ ކާމިޔާބީތައް ފާހަގަކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔަތުގައި އޭނަ ވިދާޅުވީ ރާއްޖޭގެ އެހެން ކުޅިވަރުތަކާއި އެއްވަރަށް ކްރިކެޓް ކުރިއެރުވުމުގެ އެންމެ ބޮޑު ބައިވެރި އަކީ ރައީސް ކަމަށާއި، ސަރުކާރުން ކުޅިވަރަށް ވަރަށް ބޮޑު އިސްކަމަކާއި ސަމާލު ކަމެއް ދެމުން އަންނަ ކަމަށެވެ.
ފައިސަލް ވިދާޅުވީ ސްޕޯޓް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ލަފާ އަބަދުވެސް ލިބިވަޑައިގަންނަވާ ކަމަށާއި، ކުޅިވަރުގެ އެކި މުވައްޒަފުންގެ ފަރާތުން ވެސް ކްރިކެޓްގެ އެކި ކަންކަމުގައި ބޮޑު އެއްބާރުލުމެއް ކްރިކެޓް ބޯޑަށް ލިބެމުން އަންނަ ކަމަށެވެ.
އޭނަ ވިދާޅުވީ މިދިޔަ އަހަރަކީ ކްރިކެޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށާއި ކުރިއަށް އޮތް އަހަރަކީ އިތުރު ކާމިޔާބީތައް ކްރިކެޓުން ލިބޭނެ އަހަރެއް ކަމަށް އުއްމީދު ވެސް ކުރައްވާ ކަމަށެވެ.