ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގެ ރަސްކަމެއް ހިންގުމަށް ބައެއް ކޮމިޝަތަކުން މަގުފަހިކޮށް ދެމުން އަންނަ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެ އެ ޕާޓީން މިއަދި ނެރުނު ބަޔާނެއްގައި ބުނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަދަ ތަންތަނުގެ މަސައްކަތްތައް ހުރީ ރާއްޖޭގައި ރަސްކަމަކަށް މަގުފަހިކޮށްދޭ ގޮތަށް އެ ޕާޓީން ބުންޏެވެ. އެގޮތުން މުސްތަގިއްލު ކޮމިޝަންތަކުގައި ތިއްބެވި މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބަދަލުގައި އަމިއްލަ މަގާމު ދިފާއު ކުރުމުގެ ވިސްނުމުގައި 24 ގަޑިއިރު ތިއްބަވާ ބޭކާރު ބަޔަކަށްވެފައިވާ ކަމަށް ބުންޏެވެ.
"ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގައި ރަސްކަމެއް ހިންގުމަށް މަގުފަހި ކޮށްދިނުން ހުއްޓައިލުމަށް ސިޔާސީ ނުފޫޒުގެ ދަށުވެފައިވާ މުސްތަގިއްލު ކޮމިޝަންތަކަށް އެމްޑީޕީން ގޮވާލަން،" ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ބުނީ ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް އެ ޕާޓީން ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާ ކަމަށް ބުނެ، އެޗްއާރްސީއެމާއިއީސީން ނެރުނީ ސިޔާސީ ބަޔާންތަކަކެއް ކަމަށާއި އެކަން ކުށްވެރި ވެސް ކުރާ ކަމަށެވެ.
އެ ޕާޓީން ބުނީ މުޒާހަރާގެ ތެރެއިން ކުޑަކުއްޖަކަށް ނިސްބަތްކޮށް، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެއްވެސް ވާހަކަތަކެއް ދެކެވިފައި ނުވާނެ ކަމަށާއި އެ މުޒާހަރާގައި ޕާޓީގެ އަންހެން މެންބަތަކު ދެއްކި ވާހަކަތަކަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ކަމަށް އަމިއްލައަށް ނިންމައި އެޗްއާރުސީއެމާއި އާއި އީސީން ސިޔާސީ ބަޔާންތަކެއް ނެރުމަކީ ވަރަށް ޒިންމާރުކަން ކުޑަ އަމަލެއް ކަމަށެވެ.
"އެއީ ސިޔާސީ ބޭނުމަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއްގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުޑަކުއްޖަކު ފަލީހަތް ކުރަން. އެ ބަޔާންތަކަށް ފަހު ސަރުކާރު އަޑީގައި އޮވެ ރައްޔިތިންގެ ހައްގުގައި ތެދުވާ ހިތްވަރުގަދަ ދިވެހި ރައްޔިތުންނަށް ކުރަމުންދާ ފުރައްސާރަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން." އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ އެ ޕާޓީން ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިނގާފައި ނުވާނެކަމުގެ ޔަގީން ދޭ ކަމަށާއި އެފަދަ ކަމެއް ކުރިއަށް އޮތް ތަނުގައި ވެސް ނުހިނގާނެކަމުގެ ޔަގީންކަން ވެސް ދޭ ކަމަށެވެ. އަދި ގާނޫނޫއަސާސީން ކަށަވަރުކޮށް ދީފައިވާ އެތައް ހައްގަކަށް ރައީސް މުއިއްޒު އަރައިގަންނަމުންދާ އިރު އެ ޢައިރު ގާނޫނީ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅަން އެޗްއާރުސީއެމުން ނުކުޅެދިފައިކަން އެމްޑީޕީން ބުންޏެވެ. ފާހަގަކުރި އެވެ.
އަދި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އަޅައި ސިޔާސީ ޕާޓީތައް ފޮހެލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާއިރު އީސީން ވެސް އެ މަސައްކަތަށް އެއްބާރުލުން ދީ ރާއްޖެ އަކީ އެންމެ ސިޔާސީ ފިކުރަކަށް ޖާގަ އޮތް ތަނަކަށް ހެދުމަށް ދަނީ ވާގިވެރިވަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.