Last Updated: March 14, 22:03
Friday, March 14, 2025
މުނިފޫހިފިލުވުން

ޑައިރެކްޓަރު އަޔާންގެ ބައްޕަ މަރުވެއްޖެ

ބޮލީވުޑްގެ ޒުވާން އެކްޓަރު އަޔާން މުކަރްޖީގެ ބައްޕަ، ކުރީގެ އެކްޓަރު ދޭބް މުކަރްޖީ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އޭނަ އުމުރުން 83 އަހަރުގައި މިއަދު މަރުވީ މުސްކުޅި ބަލީގައި ކަމަށެވެ.

ނުފޫޒު ފަދަ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ދޭބް އަކި އެކްޓަރު ޖޯއި މުކަރްޖީ އާއި ޑައިރެކްޓަރު ޝޯމޫ މުކަރްޖީގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ދޭބްގެ އާއިލާ އަކީ މަޝްހޫރު ތަރިން ކަމަށްވާ ކާޖޮލް އާއި ރާނީ މުކަރްޖީ ވެސް ނިސްވަތްވާ އާއިލާ އެވެ.

ދޭބް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 1972 ގެ "އޭކް ބާރު މުސްކްރާ ދޯ"، 1978 ގެ "މޭ ތުލްސީ ތޭރީ އާގަން ކީ"، 1979 ގެ "ބާތޯ ބާތޯ މޭ"، 1992 ގެ "ޖޯ ޖީތާ ވޮހީ ސިކަންދަރު" އަދި 2009 ގެ "ކަމީނޭ" ހިމެނެ އެވެ.

ދޭބްގެ ދަރިފުޅު އަޔާން އަކީ ކާމިޔާބު ފިލްމުތައް ކަމަށްވާ "ވޭކަޕް ސިދު" އާއި "ޔެ ޖަވާނީ ހޭ ދީވާނީ" ގެ އިތުރުން "ބުރައްމަސްތުރާ" ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރު ގެނެސްދޭނެ "ވޯ 2" އެވެ.

ދެ ކައިވެންޏަކަށް ދެ ދަރިން ލިބުނު ދޭބްގެ ދެ ކުދިންގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު ސުނީތާ އަކީ "ލަގާން" އާއި "ޖޯދާ އަކްބަރު" އަދި "ސްވަދޭސް" ފަދަ މަޝްހޫރު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އަޝުތޯޝް ގޮވަރިކާގެ އަންހެނުންނެވެ.