Last Updated: March 14, 22:03
Friday, March 14, 2025
މުނިފޫހިފިލުވުން

'ބިބީ' މީޑިއާނެޓަށް އަންނަނީ

މިދިޔަ އަހަރު ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދިން ހޮރޯ-ކޮމެޑީ މީޑިއާނެޓަށް ގެންނަން ނިންމައިފި އެވެ.

އެ ކުންފުނީގެ ސްޓްރީމިން ޕްލެޓްފޯމް އެމްއެސް ވީޑިއޯކުލަބުން އެ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ މި މަހިގެ 16 ގަ އެވެ.

"ބިބީ" އަކީ ޑާކް ރެއިންގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. މިއީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމެވެ.

"ބިބީ" ލީޑް ތަރިންނަކީ އޭނަގެ ފިރިމީހާ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބު، އަހުމަދު ސައީދު، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ)، މަލީހާ ވަހީދު، ޝުހާ، އާދަމް ރިޒްވީ، ސާމީ، އަމަން، ހާޒިފު އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.

"ބިބީ" އޮލިމްޕަހުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ޕްރީމިއާކޮށް، ފިލްމުގެ ޝޯތައް އެ މަހުގެ 19 އާ ހަމައަށް ދެއްކުމަށް ފަހު، ޑިސެމްބަރު މަހުގެ ތެރޭގައި ފިލްމު ދެ ޝޯއެއް އަލުން ދެއްކި އެވެ.

މި ފިލްމު މިދިޔަ އަހަރުގެ ފަހުކޮޅު ސްޕެއިނާއި އިޓަލީގައި ވެސް ދައްކާފައިވެ އެވެ.

"ބިބީ" އަކީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ މިދިޔަ އަހަރުގެ ފުރަތަމަ ފިލްމަކީ ވީޑިއޯކުލަބުން ބަލާލެވެން އޮތް ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އެވެ.