Last Updated: April 5, 17:18
Saturday, April 5, 2025
ޚަބަރު

ކުޑަކުދިންގެ އަބުރު ނަގާލާ ނަމަ އަޅަންވީ ހަރުކަށި ފިޔަވަޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ - ފޮޓޯ: މަޖިލިސް

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަތަކެއް ދައްކައިފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީއަށް ފާޑުކިޔުން އަމާޒުވެފައިވާ އިރު، އެ ވާހަކަތައް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ ޒާތީ ޙަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއް ނެތް މަޢުޞޫމް ކުދިންގެ ޙައްގުތަކަށް އަރައިގަނެ އަބުރާ ޢިއްޒަތް ނަގާލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެފަދަ ފަރާތްތަކާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ކަންކަން ކުރުމުން ޕާޓީތަކުގެ ބެލެނިވެރި ފަރާތުން ހަމަ އެކަނި ކުށްވެރިކުރުމުގެ ބަޔާނަކުން ފުއްދަވައިނުލައްވާ އެފަދަ ކަންކަން ތަކުރާރު ނުކުރެވޭގޮތަށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

އެ މައްސަލައިގައި އީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާ އިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފަށް މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަން ފާޑުކިޔައިގެން ނުވާނެ ކަމަށާއި އަދި ހަގީގަތާ ހިލާފު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.