Last Updated: April 2, 22:48
Wednesday, April 2, 2025
ކުޅިވަރު

ރާފިއު، ގައުމީ ޓީމަށް ހިތްވަރު ދެއްވައިފި

އިންޑިއާއާ ދެކޮޅަށް މިމަހުގެ 19ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗާއި، އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި މިމަހުގެ ފަހުކޮޅު ފިލިޕީންސްއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނަ ޓީމަށް ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު ހިތްވަރު ދެއްވައިފި އެވެ.

އިންޑިއާ އަށް ފުރުމުގެ ކުރިން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ޤައުމީ ޓީމާ ބައްދަލުކުރައްވާ ވަޒީރު ރާފިޢު ވަނީ ފުޓްބޯޅަ ސީޒަން ނުފެށި އޮތް ދަނޑިވަޅެއްގައި ޤައުމީ ޓީމެއް އެކުލަވާލަން ޖެހުނުނަމަވެސް، ކުޅުންތެރިންނާއި ކޯޗުންގެ ފާރާތުން ލިބެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވާފަ އެވެ.

ޤައުމީ ޓީމު ތަމްސީލްކުރަން ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ކުޅިވަރުގެ ރީތި އަހުލާގާއި، ޤައުމީ ރޫހާއިއެކު ކުޅުމަށް، ކުޅުންތެރިންގެ ކިބައިން ވަޒީރު ވަނީ އެދިފަ އެވެ.

ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާއިއެކު އެފްއޭއެމްގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ސަރުކާރުން ވެސް އެފްއޭއެމަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ކަމަށް ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނެ އެވެ.

މިގޮތުން ކުލަބުތަކަށް މާލީ ގޮތުން އެހީތެރިކަންދީ، އާ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތުގައިވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ވުޒާރާ އިން ބުނެ އެވެ.

އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ބޮޑުވެ އެ އިދާރާ މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދަރަނިވެރިވުމުންނެވެ.