އިދިކޮޅު އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން މެޑަމް ސާޖިދާ މުހައްމަދު ނިންމަވައިފި އެވެ.
މ. ދިމްޔާތުގައި އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސްގެ އާއިލާގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ގާނޫނީ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ އެ ފަރާތްތަކާމެދު ދައުވާކުރައްވަން ނިންމަވައި، އެޅުއްވި މި ފިޔަވަޅަކީ މަންމައެއްގެ ހައިސިއްޔަތުން ކުދިންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަން ޖެހިވަޑައިގެންނެވި ފިޔަވަޅެއް ކަމަށެވެ.
މި މައްސަަލައަކީ ޖިނާއީ މައްސަލަތަކެއް ހިމެނޭ ކަމެއް ނަމަވެސް މެޑަމް ސާޖިދާ ނިންމަވާފައިވަނީ، ޖިނާއީ މައްސަަލަތަކުގެ ބަދަލުގައި މަދަނީ މައްސަލަތައް ކުރިއަށް ގެންދެވުމަށް ކަމަށް އާޒިމާ ވިދާޅުވި އެވެ.
"މިހާ ހިސާބަށް މިކަން ދިޔައިރު އަޅުގަނޑުމެނަށް ފާހަގަކުރެވިފައި އޮތް ކަމަކީ ހަގީގަތުގައި މިއީ ރައީސް މުއިއްޒުގެ އާއިލާގެ ބޭފުޅުންނަށް، ތުއްޕުޅު ބޭފުޅުންނަށް، އެ ކުދިންގެ ހަށި ނުވަތަ ފުރާނަ ނުރައްކަލަށް ގެންދާވަރުގެ ކަންކަން ހިނގައިގެން ހިނގައްޖެކަން. އެއާއެކު މިއީ ޖިނާއީ މައްސަލަތަކެއްކަން ވެސް ފާހަގަކުރަން އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުން، ކުދިންގެ މަންމަގެ ހައިސިއްޔަތުން މެޑަަމް ސާޖިދާ ނިންމާފައިވަނީ، ޖިނާއި މައްސަލަތަކެއްގެ ދައުވާ ކުރިއަށް ގެންދަވާކަށް ނޫން،" އާޒިމާ ވިދާޅުވި އެވެ.
މި މައްސަލައިގައި އެ ފަރާތްތަކުގެ މައްޗަށް ދައުވާ ބައްޓަން ކުރައްވާނެ ގޮތެއް، ނުވަތަ ދައުވާ ކުރަނީ ސީދާ ކޮން ވާހަކަތަކެއް އެ ބޭފުޅުން ދައްކަވައިގެން ކަމެއް އާޒިމާ ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ދިރާސާކުރުމަށްފަހު ކުރާނެ ދައުވާތައް އެނގޭނީ ކޯޓަށް ހުށަހެޅުމުން އެ މަރުހަލާގައި ކަމަށެވެ.