Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ދަރިފުޅު ދުވަހަކު ވެސް ވޭޕް ބޭނުމެއް ނުކުރޭ: ސާޖިދާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒުއަކީ ދުވަހަކު ވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަމަށް އޭނާގެ މަންމަ އަދި ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލުން އުމައިރު އެތަކެތި ބޭނުންކުރާތީ ކަމަށް ބުނެ އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ތުހުމަތުކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ.

ރައީސްގެ އާއިލާގެ ފަރާތުން އެމަނިކުފާނުގެ ގެކޮޅު މ. ދިމްޔާތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާޖިދާގެ ފަރާތުން އިއްވި ބަޔާނުގައި ވިދާޅުވީ އުމައިރުއަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްުތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނުނީ ކޮށްފައިވާ ކުއްޖެއް ނޫން ކަމަށެވެ.

އުމުރުން 16 އަހަރުގެ އުމައިރާ ގުޅޭގޮތުން ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ދެއްކުމާއި ގުޅިގެން އުމައިރަށް ގާނޫނީ ގޮތުން ލިބިފައިވާ ރައްކާތެރިކަން ގެއްލި ނުރައްކާތެރިކަމަށް ހުށަހެޅިފައިވާ ކަމަށްވެސް ސާޖިދާގެ ބަޔާނުގައި ކަންބޮޑުވުމާ އެކު ފާހަގަކުރައްވާފަ އެވެ. އެއްވެސް ކުއްޖަކަށް ބުލީކުރުމާއި ގޯނާކުރުމާއި ހައްގުތައް ގެއްލޭ ގޮތަށް އަމަލުކުރުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.

މި ވާހަކަތަކާއި ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން ވަނީ މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމާފަ އެވެ.