Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ފިޔާޒަށް އިންޒާރުދިން ކަމަށް ބުނާ މައްސަލަ ފުލުހަށް

އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއަށް ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.

އަދަދު ނޫހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް މުއިއްޒު، ރޭ 19:04 ގައި ފިޔާޒަށް ގުޅުއްވައި ބިރު ދައްކަވައި އިންޒާރު ދެއްވާފައިވާތީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ފިޔާޒަށް ގުޅުއްވީ، އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވާތީ އެކަމާ ކޯފާވެގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ބޭފުޅަކާ ބެހޭގޮތުން އެ އެއްވުމުގައި ދެކެވުނު ވާހަކަ އަދަދު ނޫހުން ރިޕޯޓުކޮށްފައިވެސް ނުވާނެ ކަމަށާއި އަދި އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަވެސް ހަބަރެއް ޝާއިއު ކުރީ އެކަން ކުށްވެރިކޮށް ސަރުކާރުގެ އިސްބޭފުޅުން ދެއްކެވި ވާހަކައިން ކަމަށް ބުނެފައިވެ އެވެ.

"އެމްޑީޕީގެ އެއްވުމެއްގައި އެޕާޓީގެ މެންބަރަކު ދެއްކެވި ވާހަކައަކާ ގުޅިގެން އެ މައްސަލައިގައި ކޯފާވެ، 'އަދަދު' ނޫހުގެ ނޫސްވެރިންނަށާއި، 'އަދަދު' ނޫހަށް ސީދާ ރައީސުލްޖުމްހޫރިއްޔާ ގުޅުއްވައި އިންޒާރު ދެއްވަންޖެހޭ ސަބަބެއް ވެސް ނެތެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ފިޔާޒަށް ގުޅުއްވައި އަދަދު ނޫހާމެދު، އަދި ފިޔާޒްއާ މެދު އެޅުއްވެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމުގެ އިންޒާރު ރައީސް މުއިއްޒު ވަނީ ދެއްވާފަ އެވެ. އެގޮތުން ކޯފާވެގެން ތުރުތުރުލާ އަޑަކުން ދެފަހަރު ތަކުރާރުކޮށް އެހެން ވިދާޅުވުމަށްފަހު "ތިންވަނަ ފަހަރަށް "އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން" މިހެން ވިދާޅުވުމަށްފަހު ފޯނު ބޭއްވެވީ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކީ، ރާއްޖޭގެ އެންމެހައި ފަރުދުންގެ މިނިވަންކަމާއި، ރައްކާތެރިކަމާއި، އެންމެހައި ރައްޔިތުންނަށް ލިބިގެންވާ އަސާސީ ހައްގުތައް ލިބިދެވޭކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ފަރާތް ކަމަށް ވީނަމަވެސް ރައީސުލްޖުމްހޫރިއްޔާ އާންމު ފަރުދަކަށް ގުޅުއްވައި، ހަރުކަށި ފިޔަވަޅު އަޅާނޭ ކަމުގެ އިންޒާރުދެއްވުމުން ފެންނަނީ ރައީސް މުއިއްޒު، ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތަށާއި ހައިބަތަށްވެސް ހުރުމަތެއް ނުބަހައްޓަވާކަން ކަމުގައި އަދަދުގެ ނޫސްބަޔާނުގައިވެ އެވެ.

މީގެއިތުރުން އެ ބަޔާނުގައި ވަނީ އަދަދު ނޫހުގައި ޝާއިއުވެސް ނުކުރާ ހަބަރަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި އިންޒާރަކީ ސަރުކާރުން އެދޭ ގޮތަށް އެ ނޫހުގެ ސިޔާސަތުތައް ބައްޓަން ނުކުރާތީ އޮންނަ ހިތްޕުޅު ހަމަނުޖެހުމުގައި ދެއްވި އިންޒާރެއް ކަމަށް ބުނެފަ އެވެ. އެހެންނަމަވެސް، އެއްވެސް ފަރާތަކުން ދޭ އިންޒާރަކަށް ނުވަތަ ދައްކާ ބިރަކަށް ޖެހިލުންވުމެއް ނެތި ނޫހުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.