ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން ފިޔަަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދިވެހި ނޫސްވެރިންގެ ޖަމުޢިއްޔާ (އެމްޖޭއޭ) އިން ބުނެފި އެވެ.
އެމްޖޭއޭ އިން މިހެން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއަށް ގުޅުއްވައި އިންޒާރު ދެއްވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ އަދަދު ނޫހުގެ ފަރާތުން ފުލުހަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.
މިކަމާ ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ލިބުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން ފިޔާޒާއި އަދަދު ނޫހުގެ މަސައްކަތްކުރާ އެހެން ނޫސްވެރިން ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓި، އެ ނޫސްވެރިންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްޤަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެ ކަމަށެވެ.
އަދި މީޑިއާއަކުން ގެނެސްދޭ ޚަބަރެއް ނުވަތަ ކޮންޓެންޓެއްގައި ގޯހެއްވާނަމަ، އެކަމެއް ހުށަހަޅަންޖެހޭ މުއައްސަސާ އަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަކީ އެމަޖިއްޔާއިން ބާރު އަޅާ ކަމެއް ކަމެއް ކަމަށާއި އެ ނޫން ގޮތްގޮތަށް ނޫސްވެރިން ކުރާ މަސައްކަތާ ގުޅިގެން ފިޔަަވަޅެއް އަޅާނެ ކަމުގެ އިންޒާރު ދިނުން ކުށްވެރިކުރާ ކަމަށް އެމްޖޭއޭ އިން ބުނެ އެވެ.
އެމްޖޭއޭ އިން ވަނީ އަދަދު ނޫހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ، އިންސާފުވެރިކަމާއި އެކު ވީހާވެސް އަވަހަށް ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.އަދި އަދަދު ނޫހުގެ އެކި ނޫސްވެރިންނަށް އެކި ފަހަރުމަތިން ލިބިފައިވާ އިންޒާރުތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ހުރިއިރު، އެކަންކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
އެމްޖޭއޭ އިން މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އެ އޮފީހުގެ ކޮމިއުނިކޭޝަންގެ އިސްވެރިން އެމްޖޭއޭ އަށް އެއްވެސް ޖަވާބެއް މިހާތަނަށް ދެއްވާފައި ނުވާކަމަށް ބުނެފައިވެ އެވެ.