Last Updated: April 2, 22:48
Wednesday, April 2, 2025
ކުޅިވަރު

އެމްބާޕޭގެ ދެ ގޯލުން ރެއާލް އެއްވަނަ އަށް

ކިލިއަން އެމްބާޕޭގެ ދެ ގޯލުން ރެއާލުން މެޑްރިޑުން ވިޔަރެއާލް 2-1 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނަ އަށް އަރައިފަ އެވެ.

ރެއާލް އެއްވަނައިގައި އޮތީ 28 މެޗުން 60 ޕޮއިންޓު ހޯދައިގެންނެވެ. ރެއާލަށް ވުރެ ދެ މެޗު މަދުން ކުޅެ 57 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ތިންވަނައިގައި 27 މެޗުން 56 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ލީގުގައި މިރޭ ބާސާ އިން އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނިކުންނާނެ އެވެ.

ރޭގެ މެޗުގެ 7 ވަނަ މިނެޓްގައި ހުއާން ފޮޔިތް ވަނީ ވިޔަރެއާލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 17 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ރެއާލަށް ނަތީޖާ އެއްވަރުކޮށްދިން އިރު، އޭގެ ހަ މިނެޓް ފަހުން އެމްބާޕޭ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ.

މި ދެ ގޯލާއެކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި އެމްބާޕޭ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 20 އަށް އަރާފަ އެވެ.

ވިޔަރެއާލުން ނަތީޖާ އެއްވަރުކުރަން ދެވަނަ ހާފުގައި ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޓުއާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.