މާލޭގައި އުޅޭ ބުޅާތައް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރި ޕެޓް ކެއާ ފެސިލިޓީ "އޮޅު ހިޔާ" އަށް ނުގެންގޮސް މަގުމައްޗަށް މަރުވާން ދޫކޮށްލުމަކީ ހިތާމަކުރާ ކަމެއް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ބުޅާތައް ގެންދަން މާލޭ ސިޓީ ކައުންސިލުން ވަރަށް ބުރަ މަސައްކަތުން ވަރަށް ބޮޑު ހަރަދެއްކޮށްގެން މާލޭގެ ރައްޔިތުންނަށްޓަކާ ހެދި ބުޅާ ފެސިލިޓީ ސިޓީ ކައުންސިލް އަތުން ސަރުކާރުން އަތުލުމަށްފަހު ބުޅާތައް އެތަނަށް ނުގެންގޮސް މަގުމައްޗަށް މަރުވާން އަދި މަގުތައް ނަޖިސްކުރަން ބައިތިއްބާތީ ހިތާމަކުރާ ކަމަށެވެ.
"މިއީ މާލޭގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް،" އާޒިމް ވިދާޅުވި އެވެ.
ބުޅަލުން އެތައް ބަލިތަކެއް ފެތުރެމުންދާ ކަމަށާއި އަދި ރައްޔިތުން ބުޅާ ނަޖިސްތެރޭ ހިނގާ ބިނގާވެ ކޮންމެ ދުވަހަކު އުޅެންޖެހޭ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ. އެގޮތުން މޫދު ކައިރީގައި އުޅޭ ކުދިން އަދި މޫދަށް އެރޭ ފުރައިގެ މީހުން ކޮންމެ ދުވަހަކު ބުޅާ ނަޖިހުގެ ތެރޭގައި އުޅެންޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވަނީ މަގުތަކުގައި ތިބި ބުޅާތައް ވީއެންމެ އަވަހަކަށް އޮޅު ހިޔާއަށް ގެންގޮސް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.
"އޮޅު ހިޔާ" އަކީ މާލޭގެ މަގުތައްމަތީގައި ބުޅާތައް ގިނަވެ، އެކަމުގެ ސަބަބުން ތަފާތު މައްސަލަތައް ދިމާވަމުންދާތީ އެކަށޭނެ ހައްކެއް ހޯދަން ހެދި ތަނެކެވެ.