ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރު ފެސިލިޓީތަކެއް ގާއިމުކުރަން ސްޕޯޓްސް މިނިސްޓްރީން ތިން ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.
އެގޮތުން ކ. ކާށިދު އާއި އދ. ހަންޏާމީދު އާއި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑުގެ އިތުރުން އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ކޯޓު ނިންމަން ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.
މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރު އެވެ.
އެއްބަސްވުމުގެ ދަށުން ކާށިދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގައި ހިމެނޭ ޑްރޭގް ބްރަޝް ހޯދުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. މި މަސައްކަތަށް 86،400ރ. ހޭދަވެ އެވެ.
ހަންޏާމީދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތަށް 5.8 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. 90 ދުވަހުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވެ އެވެ.
މާޅޮސް ދަނޑަށް 11.9 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެ ރަށު ފުޓްބޯޅަ ދަނޑުގެ ތަރައްޤީީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން، ލައިންޓިން ސިސްޓަމް ހަރުކުރުން، ވަށާފާރު ރާނައި، ފެންސް ޖެހުމުގެ އިތުރުން ރޮސްޓްރަމްގެ މަސައްކަތެވެ.
އެ މަސައްކަތް ތިން މަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ހޯލު ގާއިމްކުރުމުގެ މަސައްކަތަށް ފަސް މިލިއަނެއްހާ ރުފިޔާ ހޭދަވާނެ އެވެ. އެ މަސައްކަތް ފުރިހަމަ ކުރަން ޖެހޭނީ 180 ދުވަހުގެ ތެރޭގަ އެވެ.
މީގެ އިތުރުން ބ. ކަމަދު އާއި ދ. މާއެނބޫދޫގެ ފުޓްބޯޅަ ދަނޑު ޤާއިމްކުރުމާއި، ޅ. ކުރެންދޫ ދަނޑުގެ ލައިޓް ހަރުކުރުމުގެ އިތުރުން ހަތަރު ރަށަކަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުމަށް ހަވާލުކޮށްފައި ވަނީ ފެނަކާ އެވެ.
އެ ކުންފުނީގެ ފަރާތުން އެއްބަސްމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ.
އެއްބަސްވުމުގެ ދަށުން ކުރެންދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް 90 ދުވަހުގެ ތެރޭގައި ޤާއިމްކޮށް ނިންމަން ޖެހެ އެވެ. މި މަސައްކަތަށް 1.6 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
ކަމަދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 4.7 މިލިއަން ރުފިޔާ ހޭދަވާނެ އެވެ. އެ މަސައްކަތް ނިންމަން ޖެހެނީ 60 ދުވަހުގެ ތެރޭގައެވެ.
މާއެނބޫދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމަން ޖެހެނީ 120 ދުވަހުންނެވެ. 6 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ދަނޑުގެ ޓާފް އިންޓޯލްކުރުމާއި، ފަށާފާރު ރޭނުމާއި ފެންސް ޖެހުމުގެ މަސައްކަތެވެ.
މި މަސައްކަތްތަކުގެ އިތުރުން ބ. ކެންދޫ، ބ. ދަރަވަންދޫ، ބ. ތުޅާދޫ އަދި ރ. މީދޫގެ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ހޯދުމަށްވެސް ފެނަކަ ހަވާލުކޮށްފައިވެ އެވެ.
މީގެ އިތުރުން ކ. ދިއްފުއްޓާއި އަދި ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރުރޭނުމާއި ފެންސް ޖެހުމާއި، ދަނޑަށް ބޭނުންވާ ބްރަޝް މެޝިން ހޯދުމުގެ އިތުރުން ށ. ބިލެއްފަހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ޤާއިމްކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައުދީ އެވެ.