Last Updated: April 2, 22:48
Wednesday, April 2, 2025
ޚަބަރު

މިފްކޯ އިން 64 މިލިއަން ޑޮލަރުގެ ލޯނަކަށް އެދިއްޖެ

މިފްކޯ އިން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން 64.6 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން މޯލްޑިވްސް ހުށަހަޅައިފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ލޯނު ހޯދަނީ ކުންފުނީގެ ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮޖެކްޓަކަށް ކަމަށެވެ. ސަރުކާރުގެ މަސް ކުންފުނިން ބުނީ ކެޕޭސިޓީ އިތުރު ކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ހަތް މަޝްރޫއެއް ހިންގަން ރާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނޭ ކަންކަމަކީ:

* އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރުން
* ކަނޑުއޮތްގިރި ކޭނަރީ ބޮޑު ކުރުން
* މުވައްޒަފުންނަށް ތަމުރީނު ދިނުން
* ކޮންސަލްޓޭޝަނާއި ޕްރޮކިއުމެންޓު ފަދަ ކަންކަމުގައި އެހީތެރިކަން ހޯދުން
* ފައިނޭންޝަލް އޮޑިޓެއް ހިންގުން
* ކޮންޓިންޖެންސީ އެމެޖެންސީ ރެސްޕޮންސް ކޮމްޕޯނަންޓެއް ހިމެނުން
* ކުއްލިއަކަށް ހިނގައިދާނެ ހަރަދަކަށް ބަހައްޓާ ފައިސާ

އައިއެސްޑީބީގެ ލޯނަކަށް މިފްކޯ އިން އެދުނު އޭގެ ދަށުން ހިންގަން މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރުމަށް ފައިސާ ހަމަޖެހި، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިދިޔަ އަހަރުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ.

"އައިއެސްޑީބީގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އައްޑޫގެ ފިޝަރީޒް ކޮމްޕްލެކްސް ހިމެނޭ ގޮތަށް މި މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިގެން މި ދިޔައީ މިދިޔަ ހަފުތާގައި،" މިނިސްޓަރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހި މަޖިލީހުގައި ވިދާޅުވެފައިވެ އެވެ. "މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަންނަ އަހަރު، [ދެހާސް ފަންސަވީހުގައި] ވަނަ އަހަރުގެ ކުރީކޮޅު ފަށައި އަހަރުގެ ފަހުކޮޅު ނޫނީވިއްޔާ އަންނަ އަހަރުގެ ކުރީކޮޅަށް އަޅުގަނޑުމެންނަށް މަސައްކަތް ނިންމާލެވޭނެ."