Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

8 ލައްކަ ރުފިޔާގެ ޑްރަގްސް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމުން ބުނީ އެތަކެތި އަތުލައިގަނެފައިވަނީ، ރޭ ދަންވަރު ވައިގެމަގުން ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި 20 ޕެކެޓެއްގައި ފޮރުވާފައި ހުރިއިރު، ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ.

އެތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1097 ގްރާމް ހުރިއިރު، މަގުމަތީ އަގަކީ ގާތްގަނޑަކަށް 877,600.00ރ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.