އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެވަނަ ފަހަރަށް ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމުންނަށް ދަތިވާ ގޮތަށް އަމަލު ކުރުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތުކޮށް މަންދީ މިއަދު މެންދުރު ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ.
ފުލުހަށް ހާޒިރުވުމަށް ފަހު މަންދީ ބުނީ އަންގާރަ ދުވަހުގެ ހެނދުނު 10 ޖަހާއިރު މާފަންނު ޕޮލިހަށް ހާޒިރުވާން އިތުރު ޗިޓެއް ފުލުހުން ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ފުލުހުން ފޮނުވި ޗިޓެއް ކަމެއް މަންދީ ހާމަކޮށްފައެއް ނުވެ އެވެ.
މަންދީ ވަނީ މިހާރު ކުރަމުންދާ ހުރިހާ ކަމަކީ ވެސް ބިރު ދައްކައިގެން މުޒާހަރާތަކަށް ނުދާނެ މަގުތައް ކޮށުމުގެ ބޭނުމުގައި ކުރާ ކަންތައްތަކެއް ކަމަށާއި ނަމަވެސް މުޒާހާރާއަށް ނުދާނެ ގޮތަކީ ނެތް ގޮތެއް ކަމަށެވެ.
ދެވަނަ ފަހަރަށް ފުލުހަށް ހާޒިރުވާން މަންދީއަށް ޗިޓު ފޮނުވާފައިވާއިރު ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު އެތަކެތި ބޭނުންކުރާތީ ކަމަށް ބުނެ އެމްޑީޕީ މުޒާހަރާއެއްގެ ތެރެއިން މަންދީ ތުހުމަތުކުރި މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ.
މި ވާހަކަތަކާއި ގުޅިގެން ރައީސްގެ އާއިލާގެ ފަރާތުން ވަނީ މަންދީ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ނިންމާފަ އެވެ.