ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ "ދަ ގާޑަންސް" ޕްރޮޖެކްޓް ނުނިންމުމުން އެ ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފި އެވެ.
ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓުން "ދަ ގާޑަންސް" ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރެވެ. އެ ޕްރޮޖެކްޓް ނިންމުމަށް އެ ކުންފުންޏަށް ދިނީ ދެ އަހަރެވެ.
އެޗްޑީސީ އިން ޖާހުއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައި މިވަނީ ދަ ގާޑަންސް މަޝްރޫއު ނިންމަން ތަފާތު އެކި ފަހަރު ފުރުސަތު ދިނުމުންވެސް މަސައްކަތް ނިންމާފައި ނުވާތީ އެވެ.
އެއްބަސްވުން ބާތިލުކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ ހިއްސާކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ, އެ ކުންފުނިން އެ ފިޔަވަޅު އެޅީ ޖާހު އިންވެސްޓްމަންޓުން ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.
ހިޔާލު ފާޅުކުރައްވާ