ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ގާޒީ ހުސައިން ޝަހީދު އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ކުރިމަތިލެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، މަރިޔަމް ނިހާޔަތު އާއި ފަނޑިޔާރު ޝަހީދު އާއި ގާނޫނީ ވަކީލު، ރުޝްދުﷲ އިބްރާހިމް އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ވެސް އިންޓަވިއުކޮށްފަ އެވެ. އޭގެ ތެރެއިން އެ މަގާމަށް އައްޔަނު ކުރަން ރައީސަށް ލަފާ އަރުވަން ނިންމާފައިވަނީ ޝަހީދުގެ ނަންފުޅެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ޝަހީދު ކުރެއްވީ ޖުލައި 24، 2028 ގަ އެވެ. އަދި އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް އޭނަ އައްޔަންކުރީ އޮކްޓޯބަރު 30، 2023 ގަ އެވެ.
އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަގާމު ވެސް ޝަހީދު އަދާކުރެއްވި އެވެ.