އިނގިރޭސި ލީގު ކަޕް ފައިނަލުގައި ރޭ ލިވަޕޫލް 2-1 އިން ބަލިކޮށް، ނިއުކާސަލް ޔުނައިޓެޑުން 56 އަހަރަށް ފަހު ތަށްޓެއް ހޯދައިފި އެވެ.
ނިއުކާސަލުން އެންމެ ފަހުން ހޯދި ތަށްޓަކީ، 1969 ވަނަ އަހަރުގެ ފެއާސް ކަޕް އެވެ. އެއީ، ޔުއެފާ އިން ބޭއްވި އިންޓަ ސިޓީ މުބާރާތެކެވެ. އަދި މިއީ 1955 ވަނަ އަހަރަށް ފަހު ނިއުކާސަލުން ހޯދި ފުރަތަމަ ޑޮމެސްޓިކް ތަށީގެ އިތުރުން މިއީ ނިއުކާސަލުން ލީގު ކަޕް ހޯދި ފުރަތަމަ ފަހަރުވެސް މެ އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ލިވަޕޫލަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗުގައި ނިއުކާސަލް އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އެ ޓީމަށް މި ގޯލު ޖަހައިދިނީ ޑިފެންޑަރު، ޑޭން ބާން އެވެ. މިއީ ލިވަޕޫލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
އަދި ދެވަނަ ހާފްގެ ކުރީކޮޅު އަލެކްސަންޑަ އިސާކް ވަނީ ނިއުކާސަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ލީޑު އިތުރަށް ފުޅާކޮށްދޭން އިސާކަށް ފުރުސަތެއް ލިބުނު ނަމަވެސް ލިވަޕޫލްގެ ކީޕަރު ކެލަހާ ވަނީ މަތަކޮށްފަ އެވެ.
ލިވަޕޫލުން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައި ފެޑެރީކޯ ކިއޭސާ އެވެ. ކިއޭސާ މި މެޗުގައި ކުޅެން އެރީ ދެވަނަ ހާފުގަ އެވެ.
މި މެޗުން ލިވަޕޫލް ބަލިވިއިރު މިދިޔަ ހަފްތާގައި އެޓީމު ވަނީ ޗެމްޕިއަންސް ލީގުން ވެސް ކަޓައިފަ އެވެ. ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން އަދިވެސް އޮތީ ބޮޑު ލީޑަކާއެކު އެވެ.