ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ ބުރުގާ އަޅައިފި އެވެ.
އޭނަ ބުރުގާ އަޅައިގެން ނަގާފައިވާ ފޮޓޯއެެއް ފޭސްބުކާއި އިންސްޓަގްރާމް ޕްރޮޕައިލްގައި ވެސް ހިމަނާފައިވާ އިރު، ރާފިޔަތު ބުރުގާއާ އެކީ ފެންނަ އިތުރު ފޮޓޯތަކެއް ވެސް ސޯޝަލް މިޑިއާގައި ބައެއް މީހުން ޕޯސްޓްކޮށްފައިވެ އެވެ. ރާފިޔަތު ބުރުގާ އެޅި އިރު، އޭނަ އަކީ އަބަދު ވެސް ފަން ދިގު، ރީތި އިސްތަށިގަނޑެއް އޮންނަ ފަންނާނެއްކަން ފާހަގަކޮށްލެވެ އެވެ.
ރާފިޔާތަކީ ރާއްޖޭގަ އުފެދުނު އެންމެ މަޝްހޫރު ފިރިހެން ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ އިތުރުން އިބްރާހިމް ރަމީޒްގެ ކޮއްކޮއެކެވެ. އެ ދެ މީހުން މިއުޒިކް ކުޅުން ހުއްޓާލައި، އަމިއްލަ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާތާ ގިނަ އަހަރުތަކެއްވެއްޖެ އެވެ.
ރާފިޔަތަކީ ކުރީގެ ފިލްމީ ތަރި އަދި އެކްޓަރު/ޑައިރެކްޓަރު އަހުމަދު ނިމާލުގެ އަންހެނުން ފާތުމަތު ރަމީޒާގެ ވެސް ކޮއްކޮ އެވެ.
މިހާރު އުމުރުން 48 އަހަރުގެ ރާފިޔަތަކީ މިހާތަނަށް މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ. އޭނަ އަކީ ދިވެހި ފިލްމުތަކަށް އާންމުކޮށް ލަވަކިޔާ އަންހެން ފަންނާނުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކެކެވެ. ރާފިޔަތުގެ ފިރިމީހާ އިބްރާހީމް އާމިރަކީ އަކީ ވެސް މިއުޒިކީ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.
ދެ ފިރިހެން ކުދިން ތިބި ރާފިޔަތު ލަވަކިޔުމުގެ ތެރެއަށް ނުކުތީ ސްކޫލް ދައުރުގައި އުމުރުން 12 އަހަރުގަ އެވެ. އެގޮތުން އޭނަ އަކީ ޓީވީއެމުން ގެނެސްދެމުން އައި ސްކޫލް ކުދިންގެ ލަވަކިޔުމުގެ މުބާރާތުން ހުނަރު ދައްކާލައި، ފަހުން ޕްރޮފެޝަނަލްކޮށް ލަވަކިޔަން ފެށި ފަންނާނެކެވެ.
މިހާތަނަށް އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ރާފިޔަތަށް ލަވަކިޔުމުގެ ދާއިރާ އިން 2011 ގައި އާންމު ހިދުމަތުގެ އިނާމު ވެސް ލިބިފައިވެ އެވެ.