މި މަހުގެ 18 ވަނަ ދުވަހު ފަށާ “މިނިވަން 50 ޗެމްޕިއަންޝިޕް” ފުޓްބޯޅަ މުބާރާތުގައި އައްޑޫން ވާދަ ކުރާ ޓީމްތަކަށް އައްޑޫ ސިޓީ ކައުންސިލުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ކައުންސިލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މުބާރާތުގައި އައްޑޫން ވާދަ ކުރާ އައްޑޫގެ ކޮންމެ ޓީމަކަށް ކައުންސިލުގެ ބަޖެޓުން -/15،000ރ. ދީފައިވާ ކަމަށެވެ.
ކައުންސިލްގެ ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދިނީ އެ ޓީމްތަކަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށާއި އަދި ޓީމު ތަކަށް ސްޕޮންސާރ ހޯދުމަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
“މިނިވަން 50 ޗެމްޕިއަންޝިޕް”ގައި ވާދަކުރާ ޓީމްތަކަށް ކައުންސިލުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު އައްޑޫގައި ބޭއްވޭ ތަފާތު އެކި ކުޅިވަރު މުބާރާތްތަކަށް ކައުންސިލުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.