Last Updated: April 1, 23:32
Tuesday, April 1, 2025
ޚަބަރު

މުރަކަ އާލާކޮށް، ދިރުވަން ބޮޑު ޕްރޮޖެކްޓެއް ފަށައިފި

މުރަކަ ދިރުވައި، ފަރުތައް އިޢާދަކުރަން "ރީފްސީޑް" ގެ ނަމުގައި ޕްރޮޖެކްޓެއް ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ފެށި މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އޮސްޓްރޭލިއާގެ އިންސްޓިޓިއުޓް ފޮ މެރިން ސައިންސްގެ އިތުރުން ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަނާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ތިން އަހަރު ދުވަހުގެ މި ޕްރޮޖެކްޓަށް 1.5 މިލިއަން ޑޮލަރު ހޭދަވެ އެވެ.

"ރީފްސީޑް" ޕްރޮޖެކްޓް ރަސްމީކޮށް އިއްޔެ ފެށި އިރު، މިކަމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ފަދަ މަޝްރޫޢެއް ފެށުމުގެ ބޭނުމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ގާ ހުދުވުމާއި ފަރުތައް ނެތިދިއުމުގެ މައްސަލައިން އަރައިގަނެ ރާއްޖޭގެ ފަރުތައް އަލުން އިޢާދަކުރުން ކަމަށެވެ. އެ ގޮތުން އެކި ސަބަބުތަކާ ހުރެ މުރަކަ ނެތިގޮސް، ފަރުތައް ހަލާކުވުމުގެ މައްސަލަ އެންމެ ގިނައިން ދިމާވާ އެއް ޤައުމަކީ ރާއްޖެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އަލަށް ފެށި ޕްރޮޖެކްޓްގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުރަކަ ހައްދައި އާލާކުރެވި ފަރުތައް އިޢާދަކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބި، ރާއްޖޭގެ ފަރުތަކަށް ދިރުން ގެނެސްދޭނެ ކަމަށެވެ.

ޝިޔާމު ވިދާޅުވީ މުރަކަ ދިރުވައި އާލާކޮށް، ފަރުތައް އިޢާދަކުރުމުގެ މަސައްކަތަށް މި ސަރުކާރުން ޚާއްސަ ސަމާލު ކަމެއް ދޭނެ ކަމަށެވެ. އެގޮތުން "ރީފްސީޑް" ގެ ދަށުން އޮސްޓްރޭލިޔާގެ މެރިން ސައިންސް އިންސްޓިޓިއުޓް އިން ދިވެހި ފަސް ޒުވާނަކު މި ދާއިރާ އިން ތަމްރީންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަދި ފަރުތައް ހިމެނޭ ޚާއްސަ ޒޯންތަކެއް ކަނޑައަޅައި އެ ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރެވެމުން އަންނަ ކަށެވެ.

މި މަޝްރޫޢުގައި ބޭނުންކުރާނީ ޒަމާނީ ޓެކްނޮލޮޖީއާއެކު މުރަކަ ދިރުވައި އާލާކުރުމަށް އޮސްޓްރޭލިޔާއިން ތައްޔާރުކޮށްފައިވާ ނިޒާމެކެވެ އެ ނިޒާމު ޤާއިމުކޮށްފައި ކ. މަނިޔަފުށީގަ އެވެ.