Last Updated: April 19, 21:11
Saturday, April 19, 2025
ޚަބަރު

ޑެޕިއުޓީ ގަވަރުނަރު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ. އެކަން މި މަހުގެ 11 ވަނަ ދުވަހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އިމާދުގެ ބަޔާނުގައި ވަނީ މި ފަހުން އެމްއެމްއޭ އިން ނިންމައިފައިވާ ނިންމުންތަކަކީ އޭނާގެ ނަޒަރުގައި މުއައްސަސާގެ އަސާސީ މަޤްސަދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ނިންމައިފައިވާ ނިންމުންތަކެއް ނޫން ކަމަށެވެ.

އިމާދު ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަންކުރީ 2020 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެމްއެމްއޭގައި 24 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ އިމާދަކީ އިނގިރޭސިވިލާތުން އިކޮނޮމިކްސް އާއި ފައިނޭންސްގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނަ މަގާމުން ވަކިކުރަން ހުށަހެޅި އިރު، ސަރުކާރުން ފައިސާ ޗާޕް ކުރަން އުޅުމާއި އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ވިއްލައިގެން ދައުލަތަށް ފައިސާ ހޯދުމުގެ މުއާމަލާތެއް ހިންގަން އުޅޭކަމުގެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

މަރުކަޒީ ބޭންކްގެ މިހާރުގެ ގަވަރުނަރަކީ މި ސަރުކާރުން އައްޔަންކޮށްފައިވާ އަހުމަދު މުނައްވަރެވެ. އޭނަ އެ މަގާމަށް އައްޔަންކުރީ އެެމްޑީޕީ ސަރުކާރުގައި އައްޔަންކުރި ގަވަރުނަރު އަލީ ހާޝިމު ސަރުކާރަށް އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ މިދިޔަ އަހަރުގެ ޖުލައި އޭނަ މަގާމުން ވަކިކުރުމަށް ފަހު އެވެ.