Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ސުޕްރީމް ކޯޓަށް އައްޔަންކުރަން ޝަހީދުގެ ނަން މަޖިލީހަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ގާޒީ ހުސައިން ޝަހީދު އައްޔަނުކުރަން، ރައްޔިތުންގެ މަޖިލީހަށް އޭނާގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަން އިއުލާންކޮށް އަދި ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ހިމަނާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ކުރިމަތިލެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، މަރިޔަމް ނިހާޔަތު އާއި ފަނޑިޔާރު ޝަހީދު އާއި ގާނޫނީ ވަކީލު، ރުޝްދުﷲ އިބްރާހިމް އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ރޭ ވަނީ އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ވެސް އިންޓަވިއުކޮށްފަ އެވެ. އޭގެ ތެރެއިން އެ މަގާމަށް އައްޔަނު ކުރަން ރައީސަށް ލަފާ އަރުވަން ނިންމީ ޝަހީދުގެ ނަމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ޝަހީދު ކުރެއްވީ ޖުލައި 24، 2028 ގަ އެވެ. އަދި އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް އޭނަ އައްޔަންކުރީ އޮކްޓޯބަރު 30، 2023 ގަ އެވެ.

އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަގާމު ވެސް ޝަހީދު އަދާކުރެއްވި އެވެ.